ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ނުދޭ މުއައްސަސާތައް ޖޫއިމަނާ ކުރުމަށް ތައްޔާރުވަމުންދާ ކަަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެނދިަން ދިމާވާ މައްސަލަތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، ކޮމިޝަނުގެ ނައިބު ރައީސް އާޝިޔަތު ޝިއުނާ މިއަދު ވިދާޅުވީ، ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ބައެއް މުއައްސަސާތަކުން ހިއްސާނުކޮށް އެއްބާރުލުން ނުދޭތީ، މައްސަލަތައް ނިންމުން ލަސްވެފައިވާ ކަމަށެވެ.

އޭގެ އިތުރުން މައުލޫމާތުތައް ހޯދަން ފޮނުވާ ސިޓީތަކުގެ ޖަވާބު ދިނުން މުއައްސަސާތަކުން ލަސްވުމާއި ކޮމިޝަނަށް ހާޒިރުވާން އެދޭ ފަރާތްތަކުން ހާޒިރުނުވުމަކީ ތަހުގީގު ލަސްވުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަންތައްތައް ހައްލުކުރަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރި ނަމަވެސް އެކަން ހައްލު ނުވާ ކަމަށެވެ. އެހެންކަމުން މިހާރު އަމަލު ކުރަމުން ދަނީ މުއައްސަސާތަކަށް ގޮސްގެން ލިޔެކިއުންތައް ގެނެސްގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ޝިއުނާ ވިދާޅުވީ، އެގޮތަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، އެއްބާރުލުން ނުދޭ މީހުން ޖޫރިމަނާ ކުރުމަށް ހާއްސަ ގަވާއިދުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގާނޫނުން ލިބިދޭ ޖޫރިމަނާގެ ބޭނުންކޮށްގެން ވަރަށް އަވަސް މުސްތަގުބަލެއްގައި، ހާޒިރުނުވާ ފަރާތްތަކާއި މައުލޫމާތު ނުދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންއައިސީއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅުއެޅުމާ ބެހޭ ކަންކަން ކުރުމަށްޓަކައި ގާނޫނުން އުފައްދާފައިވާ ކޮމިޝަނެކެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގެ ބާރު މި ކޮމިޝަނަށް ލިިބިގެންވެއެވެ.

އެ ކޮމިޝަނުން ބުނީ އެތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ފުލުހުންގެ މައްސަލަތައް ކަމަށެވެ.

އެގޮތުން 2022 އިން 2023ގެ ނިޔަލަށް ފުލުހުންގެ ހިދުމަތާ ގުޅޭ 444 މައްސަލަ، ކަރެކްޝަންސްއާ ގުޅޭ 112 މައްސަލަ، ކަސްޓަމްސްއާ ގުޅޭ 12 މައްސަލަ، އިމިގްރޭޝަންސްއާ ގުޅޭ ނުވަ މައްސަލަ ހުށަހެޅިފައިވާ ކަމަށް ވަނީ ބުނެފައެވެ.