މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާފައިވާ އިރު، އާ ކޮމިޓީއެއްގެ ގޮތުގައި ގެދޮރުވެރިކަމަށް ހާއްސަ ކޮމިޓީއެއް އުފައްދައި ހިމަނައިފިއެވެ.

އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.

އޭގެ ތެރޭގައި، ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާ ކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަން މަޖިލީހަށް ހުށަހެޅުމާއި ގެދޮރުވެރިކަމާ ބެހޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލު ކުރުމަށް ސަރުކާރަށް ލަފާދިނުމާއި އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރުއެޅުން ވެސް ހިމެނެއެވެ.

ހިޔާވަހިކަމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ލިބިދެވޭތޯ ބެލުމާއި ގެދޮރުވެރިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކޮށް، ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރަށް ލަފާދިނުންވެސް ހިމެނެއެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއާ ގުޅޭ ބިލްތައް ދިރާސާކޮށް، ފުރިހަމަކޮށް، މަޖިލީހުން ރިއާޔަތްކޮށް ދިނުން އެދި މަޖިލީހަށް ހުށަހެޅުން ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ގަވާއިދުގައި ވަނީ ހިމަނައިފައެވެ.