ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ އެއްލައްކައާ ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

މިއީ ވަޒިފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ބިލެކެވެ. މި ބިލު މަޖިލީހަށް ހުށަހަޅުއްވާނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނީ 100،000 މީހުން ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާއިރު، ގާނޫނަށް އިސްލާހު ގެންނަން ފޮނުވާފައިވާ ބިލުގައި އެ ލިމިޓް އުވާލަން ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް ވަޒީފާ އަދާކުރުމަށްޓަކައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެގޮތަށް ބިދޭސީން ގެނެވޭ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިސޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާއެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެގޮތަށް ކަނޑައަޅަންވާނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމެންޓަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންކަމަށްވެސް ބުނެފައިވެއެވެ.

އެ އެސެސްމެންޓްގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި އެހާތަނަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރަމުންދާ މިންވަރާއި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މިންވަރު ދެނެގަންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާއިރު، ރިއާޔަތްކުރަންޖެހޭ ކަންތައްތަކެއް ބިލުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ގައުމުގެ އިގުތިސާދީ، އިޖުތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާތަކާއި އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން ރާއްޖެއިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން ހިމަނާފައިވެއެވެ.

ވަކި ދާއިރާއެއްގެ ވަޒީފާތަކަށް، ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާއި ހުނަރު އިތުުރުކުރުުގެ ފުރުސަތު އޮތް މިންވަރާއި ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް މީހަކު ނުލިބިއްޖެނަމަ ނުވަތަ ލިބޭ މިންވަރު މަދުވެއްޖެނަމަ، އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވެ އަސަރު ބަލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް އަސަރުކޮށްފާނެ މިންވަރު ދެނެގަތުންވެސް ހިމެނެއެވެ.

ބިލުގައި ބުނަނީ، ރާއްޖެ ގެނެވޭނެ ކަމަށް ގަވާއިދުގައި ކަނޑައަޅާ އަދަދަށްވުރެ އިތުރަށް ބިދޭސީން އުޅޭ ނަމަ އެ އަދަދަށް ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެކަންކޮށް ނިންމަންޖެހޭ މުއްދަތުވެސް ގަވާއިދުގައި ބަޔާން ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެ މުއްދަތު ކަނޑައަޅަން ވާނީ އެކަށީގެންވާ ނޯޓިސް މުއްދަތެއް ދިނުމަށް ފަހުގައި ކަމަށާއި އެ މުއްދަތު 36 މަސް ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.