ތ. އަތޮޅުގެ 12 ރަށެއްގައި ގާއިމުކުރި ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

އެ 12 ރަށުގައި ސޯލާ ހަރުކޮށްފައިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)"ގެ މަޝްރޫއުއެއްގެ ތެރެއިންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު މީޑިއާތަަކަށް ބުނީ އެ މަޝްރޫއުގެ ދަށުން ޖުމުލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމް ހަރުކޮށް، 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމް ބަހައްޓާފައިވާ ކަމަށެވެ. އެ ރަށްތަކާއެކު ރާއްޖޭގައި މިހާރު ޖުމުލަ 67.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް، އަހަރަކު 1.2 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޕޮއިސްޑް މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި ހުރި ޑީސަލް އިންޖީނުގެތައް ބެޓެރީ ސްޓޯރޭޖް ހިމެނޭ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތަކަށް ބަދަލުކުރާނެއެވެ. އެގޮތުން އެ މަސައްކަތް 72 ރަށެއްގައި ނިންމާފައިވާއިރު، ޖުމުލަ 13.4 މެގަވޮޓްގެ ސޯލާ ޕީވީ އާއި ގަޑިއަކު 9.8 މެގަވޮޓް ބެޓަރީ ސްޓޯރޭޖް ވަނީ ގާއިމުކޮށްފައެވެ.