ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު މި އަހަރު 138 ބޭފުޅަކަށް ދޭން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅި ބޭފުޅުންގެ ތެރެއިން އިނާމު ދޭނެ ބޭފުޅުން ކަނޑައެޅީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީން ކަމަށެވެ.

މި އަހަރު އިނާމު ދިނުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި ދައުލަތަށް ހިދުމަތް ކުރި މީހުންގެ ތެރެއިން ރައީސް، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރި 70 މީހުންވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބޭފުޅުންނަށް އިނާމު ދޭނީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދޭން ފެށި ޝަރަފުވެރި އިނާމެކެވެ.