ރަސްމީ ދަތުރެއްގައި ތިން މިނިސްޓަރަކު ޗައިނާއަށް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުގައި އެ ގައުމަށް ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޗައިނާގެ ފޮރިން މިނިސްޓަރު މި ދަތުރުގައި ރަސްމީ ވާހަކަތައް ބޭއްވެވުމުގެ އިތުރުން ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަތަރު ދުވަހުގެ އެ ދަތުރުގައި ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާއެކު ވެސް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ޗައިނާ އިން ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިން ވަނީ މިދިޔަ ހަފުތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައި ރާއްޖެއިން މި ވަގުތު އެންމެ ބޭނުންވާނެ ކަންކަން އޮޅުން ފިލުއްވައި، އެކަންކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.