ބަންގްލަދޭޝްގައި އެ ގައުމުގައި ދަރިވަރުން ކުރަމުންގެންދާ މުޒާހަރާ އާއި ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވެ ރައްކާތެރިވެގެން އުޅެން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ބަންގްލަދޭޝްގެ ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ގައުމުގެ ދަރިވަރުން ފެށި މުޒާހަރާ ހޫނުވެ، އިއްޔެ ފުލުހުންނާ ކުރިމަތިލައި، އިމާރާތްތަކުގައި ވަނީ ހުޅުވެސް ޖަހައިފައެވެ. އެ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ބާރުގެ ބޭނުންކުރަން ފަށާފައިވާއިރު އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް ވަނީ ކަނޑާލައިފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް މި ވަގުތު ބޭރަށް ނުކުމެ ނޫޅުމަށާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.
އެ ގައުމުގައި އުޅޭ ދިވެހި ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު