ޓެކްސްއެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ބެހޭގޮތުން އެ ޓްރައިބިއުނަލްގެ ރެޖިސްޓްރާ އަބްދުﷲ ހިލްމީ ހާޒިރު ކުރި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ރެޖިސްޓަރާ ހާޒިރުކުރީ މިއަދު 11:00 ގައި އޮތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަށެވެ.

ހާޒިރުކުރާ ފަރާތް އެދިގެން ކަމަށް ބުނެ މި ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ އެ ކޮމިޓީގައި އިންނަވާ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ. ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒްއެވެ.

އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، އެއީ ޓްރައިބިއުނަލާ ބެހޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް، ސާފުކުރަން ނިންމާފައިވަނީ ކޮން މައުލޫމާތެއް ކަމެއް ވިދާޅެއް ނުވެއެވެ.