ހިލޭ ގުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް، އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވުމަކީ ދިވެހީންނަށް އެންމެ ލާބަހުރި ގޮތް ކަމަށާއި އެއީ ދުނިޔޭގައިވެސް ހެޔޮކަން އާހިރަތުގައިވެސް ހެޔޮކަން ލިބޭ ހަމައެކަނި މަގު ކަމަށެވެ.
އަދި އިސްލާމްދީނަށް ނަސްރުދިނުމަކީ އެ މަނިކުފާނު އެންމެ އިސްކަން ދެއްވާނެ ގައުމީ އެއް ވާޖިބު ކަމަށާއި އެކަމަށްޓަކައި ގުރުއާނުގެ އިލްމު ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގުރުއާނުގެ އިލްމާއި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން އަންނަ ކަމަށެވެ.
އެގޮތުން ހިލޭ ގުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކޮށް އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ އިތުރުން ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއްކޮށް، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެގުނައަށް ބޮޑުކުރައްވާނެ ކަމަށްވެސް ރައީސް މިރޭ އިއުލާން ކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ގުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ގުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖައްސާނެ ކަމަށާއި ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރާ ގުރުއާނާބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވާނެކަންވެސް އިއުލާން ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު