ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އިނާމުތައް އެންމެ އަގުބޮޑު އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނިންމުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ މަނިކުފާނުމެން ކުޑައިރު ކީރިތި ގުރުއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ.

ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނައިރު، ކީރިތި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކީރިތި ގުރުއާން އުނގަންނާ ދިނުމަށް ކީރިތި ގުރުއާނަށް ހާއްސަ ގައުމީ ހިޔާވެއްސެއް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ މެނިފެސްޓޯގެ ވައުދުތަކާ އެއްގޮތަށް ގުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތް ކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރުއާނާބެހޭ ހާއްސަ ދާއިމީ މަރުކަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށްވެސް އިއުލާން ކުރައްވައިފައެވެ.