ކީރިތި ގުރުއާނަށް ރާއްޖޭގެ ފަސްގަނޑުން ހައްގު މަތިވެރި ދަރަޖަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމްދީނަށް ނަސްރުދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައް ކަމަށާއި އެއީ ގައުމީ އެއް ވާޖިބު ކަމަށެވެ. އެހެންކަމުން ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވިއެވެ.
"ކީރިތި ގުރުއާނަށް މި ދިވެހި ފަސްގަނޑުން ހައްގު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެ، ނިހާޔަތަށް ޝައުގުވެރިވާނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގުރުއާނުގެ އިލްމާއި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ގުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރާނެ ކަމަށާއި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގުރުއާން އުނގަންނައި ދިނުމަށް، ހާއްސަ ގައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތް ކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރާ ގުރުއާނާބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު