ރާއްޖޭގެ ޕެންޝަން ނިޒާމުގެ މާލީ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް އެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ދެކުނު އޭޝިއާގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު އޮތް ގޮތާމެދު އެ ބޭންކުން އެކުލަވާލައި ޝާއިއު ކުރި 362 ސޮފުހާގެ "ރީތިންކިން ސޯޝަލް ޕްރޮޓެކްޝަން އިން ސައުތު އޭޝިއާ" ގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
އެގޮތުން 2050 އަންނައިރު، މުޅި ދެކުނު އޭޝިއާގައިވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ގިނަވާނީ ރާއްޖޭގައި ކަމަށް ބުނެފައިވާއިރު އެހާތަނަށް އަންނައިރު، ރާއްޖޭގެ ޖުމުލަ އާބާދީގެ 32 ޕަސެންޓް ހިއްސާކުރާނީ އުމުރުން ދުވަސްވީ މީހުން ކަމަށްވެސް ބުނެފައިވެއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، މިހާރަށްވުރެ ފުދުންތެރި އަދި ދެކޮޅުޖެހޭ ނިޒާމަކަށް ޕެންޝަންގެ ނިޒާމު ބަދަލުކުރަންޖެހެއެވެ. އެގޮތުން ރާއްޖޭގައި ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހޭދަކުރާ ފައިސާގެ ގާތްގަނޑަކަށް 90 ޕަސެންޓް ހަރަދުކުރަނީ ޕެންޝަން ސްކީމަށް ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ ޕެންޝަންގެ ނިޒާމު މިހާރު އޮތް ގޮތުން ހުރި ބައެއް ގޮންޖެހުންތައްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މާލީ ގޮތުން ދެކޮޅު ނުޖެހުމާއި ސަރުކާރުގައި މަސައްކަތްކޮށް ރިޓަޔާކުރާ މީހުންގެ 30 ޕަސެންޓް މީހުންނަށް މުސްކުޅިންގެ އިނާޔަތާއި ރިޓަޔަމެންޓް ޕެންޝަން ލިބުމާއި ޕެންޝަން ލިބޭ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ސިވިލް ސާވެންޓުންނަށް ވުމަކީ އެ ނިޒާމަށް އޮތް ގޮންޖެހުމެއް ކަމުގައި ބުނެފައިވެއެވެ.
ވޯލްޑް ބޭންކުން ބުނީ، ޕެންޝަންގެ ނިޒާމަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި ޖީޑީޕީގެ ފަސް ޕަސަންޓަށް އަރާނެ ކަމަށާއި އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާ މިންވަރަކުން އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމަށް ދައުލަތުން ކުރާ ހޭދަވެސް އިތުރުވާނެ ކަމަށެވެ.
އެހެންކަމުން ޕެންޝަންގެ ނިޒާމަށް މައިގަނޑު ދެ އިސްލާހެއް ގެނައުމަށް ވޯލްޑް ބޭންކުން އެ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.
އެގޮތުން ވަޒީފާއެއް ހޯދާ މީހުންނަށް (ޖޮބް ސީކާސް) އަށް ޕެންޝަން ފައިސާގެ ތެރެއިން މިންވަރެއް ހާއްސަކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕެންޝަން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ގެދޮރު ގަތުމަށް ދައްކަންޖެހޭ ޑައުންޕޭމެންޓުތަކަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމާއި ދައުލަތުން ސްޕޮންސާކޮށްގެން، ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދަށް ބަލައި ލައިފް-އިންޝުއަރެންސް ޕްރޮގްރާމެއް ހިންގުމުގެ އިތުރުން ޕެންޝަންގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދޭ ފައިސާ 5،000 ރުފިޔާގައި ހިފެހެއްޓުމެވެ.
މީގެ އިތުރުން، ޕެންޝަންގެ ގޮތުގައި ދޭ ފައިސާގެ އަދަދު ކޮންސިއުމާ ޕްރައިސް އިންޑެކްސްއާ ގުޅުވުމަށްވެސް ހުށަހަޅާފައިވެއެވެ.
ރާއްޖޭގެ ޕެންޝަން ނިޒާމަކީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން، 2009 ވަނަ އަހަރު ތައާރަފު ކޮށްފައިވާ މަލްޓިޕިލާ ޕެންޝަން ނިޒާމެކެވެ. މި ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ދެ ޕެންޝަން ސްކީމެއްގެ މައްޗަށެވެ. އެއީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު