ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ ބުރިޖު މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކަަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ، ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، އައްޑޫ ބްރިޖު މަޝްރޫއު ހުއްޓާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

އެހެންކަމުން ބްރިޖު މަޝްރޫއާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓާއި އެ މަޝްރޫއު ކުރިއަށް ގެންދަން ރާވާފައިވާގޮތަކީ ކޮބައޮތޯ އަޒާން ސުވާލު ކުރެއްވިއެވެ.

އަޒާންގެ ސުވާލާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އައްޑޫ ބްރިޖު މަޝްރޫއަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއްދޭ އެއް ޕްރޮޖެކްޓް ކަމަށެވެ،

އެހެންކަމުން އެކަމަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏަކީ އެކަމުގެ ކެޕޭސިޓީ ހުރި ބަޔަކަށްވާތީ އެފަރާތާ ވާހަކަ ދައްކައިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

"އެފަރާތަކީ ކެޕޭސިޓި ހުރި ބަޔަކަށްވާތީ އެފަރާތާ އެކު ސޮއިކޮށްގެން މަސައްކަތްތަކެއް ކުރަމުންދަނީ، ދެން މި ބޭފުޅުންގެ އެންމެ ބޮޑު ކަމަކީ ކޮންމެގޮތެއްވިޔަސް އެ ޕްރޮޖެކްޓަށް ފައިސާ ހަމަޖެއްސުން،"

އެހެންކަމުން އެފަރާތާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުންނަށް އޮންނަނީ ފައިސާ ހޯދައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.

"އެބޭފުޅުންނަށް މި އިންނަނީ އެމްއޯޔޫގެ ދަށުން ފައިސާ އެރެންޖު ކޮށްދިނުން، ނަމަވެސް ލޯނު ނަގާނީ ސަރުކާރުން، އެރޭންޖު ކޮށްދޭނީ އެބޭފުޅުން،"

އެގޮތުގެމަތިން ބައެއް ފަރާތްތަކާ ވާހަކަދެއްކުން ކުރިއަށްގެންދާ ކަމަށާއި ފައިސާ ހަމަޖެހޭ ހިސާބުން ޕްރޮޖެކްޓް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފައިސާ ހަމަނުޖެހެނީސް ކޮންމެހެން މިވަގުތު ކޮންޓްރެކްޓަށް ވަންނާކަށް ނޫން، އެހެން ނަމަވެސް މިވަގުތު ކުރެވެމުން މިދަނީ އެފަރާތުން ހުށަހަޅާ ފަރާތްތަކާ ވާހަކަ ދައްކައިގެން ސަރުކާރަށް އެއްބަސްވެވޭ ކަހަލަ ފައިނޭންސެއް ހަމަޖެހޭތޯ. ހަމަޖެހިއްޖެ ކަމަށްވަންޏާ އެފަރާތާ އެކު ކުރިއަށްދާނަން. ފައިސާ ހަަމަނުޖެހިއްޖެއްޔާ، އެކަން ކުރެވޭނެ އެހެން ފަރާތަކާއެކު ސޮއިކޮށްގެން ކުރިއަށް ގެންދާނަން،"

އެގޮތުން އައްޑޫ ބްރިޖުގެ މަަސައްކަތްތަކާ ގުޅޭ ގޮތުން މިވަގުތު ކުރިއަށްދަނީ ސޮއިކޮށްފައިވާ ފަރާތުން ހުށަހަޅާފައި ހުރި ފައިނޭންޝަލް ކަންތައްތަކަކީ ސަރުކާރަށް ގަބޫލު ކުރެވޭ ކަންތައްތަކެއްތޯ ބަލައި އިވެލުވޭޓް ކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.