މިއަހަރު ނިމޭއިރު ބ. ކެންދޫ ނަރުދަމާގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ޒާކިރު ވިދާޅުވީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ކުރީގެ ސަރުކާރުން އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ފަށައި، ނިމުމަކަށް ގޮސްފައިވާ ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ރައްޔިތުން ކަންބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމުމަށްފަހު، ހިދުމަތް ލިބުމަކީ ރައްޔިތުން އިންތިހާއަށް ބޭނުންވާ ކަމެއްކަމުން މި މަސައްކަތް އެ ހިދުމަތް ލިބޭނީ ކިހާތާކުތޯ މެންބަރު ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، 720 ދުވަހުން ނިންމުމަށްޓަކައި، ކެންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 15 ނޮވެމްބަރު 2020 ގައި ކަމަށެވެ. އެއީ ކެންދޫ ފިޔަވައި އިތުރު ރައްތަކެއް ހިމެނޭގޮތަށް ހަވާލުކޮށްފައިވާ ޕްރިޖެކްޓެއް ކަަމަށާއި އޭގައި ހިމެނޭ ކެންދޫ ޕްރޮޖެކްޓަށް 44.8 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މަސައްކަތަކީ 30 މޮވެމްބަރުގައި 2022 ގައި ނިންމަން އޮތް މަސައްކަތެއް ނަމަވެސް މަސައްކަތް މާބޮޑަށް ލަސްވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވި އިރު، އެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށްވެސް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީއަށް އަލުން ފައިސާ ހޯދައި އެ މަސައްކަތް ފަށަން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.
ނަމަވެސް މިހާރު އެ މަސައްކަތް ކުރިއަށްދާ ކަަށާއި މުޅި މަސައްކަތުގެ ފަންސާސް ޕަސެންޓް މިހާރު ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، 30 ނޮވެމްބަރާ ހަމައަށް މަސައްކަތް ނިމި، ހިދުމަތް ދެވޭވަރުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު