ސަރުކާރުން މިދިޔަ މެއި މަހު އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގައި އެސްޓީއޯ އިން ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސީޕްލޭން ޓާމިނަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ވަނީ އެ ކުންފުނިން ފަށަން ނިންމި ޑިޖިޓަލް ބޭންކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ, ޑިޖިޓަލް ބޭންކު ހުޅުވަން އެމްއެމްއޭގެ ލައިސަންސަށް އެދުމުން އެ އޮތޯރިޓީގެ ރެކޮމެންޑޭޝަންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުގެ ޑިވެލޮޕްމަންޓް ބޭންކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާތީ, ރަނގަޅީ ކޮން ގޮތެއްތޯ ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯ އިން 'އިވޯލްވް'ގެ ނަމުގައި ޑިޖިޓަލް ބޭންކެއް ހެދުމުގެ ހުއްދައަށް އެދި އެމްއެމްއޭ އަށް ހެށަހެޅީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އެ އޮތޯރިޓީން އެ ހުއްދަ ނުދޭން ނިންމީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ ފަހުން އަލުން އެ ލައިސަންސަށް އެދެން އެސްޓީއޯ އިން ނިންމިއެވެ. ނަމަވެސް އެކަމަށް އެދުނު ކަމެއް އެނގިފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްވެސް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު