ރާއްޖޭން ބޭރުގައި ދިވެހިން ކައިވެނި ކުރުމަށްފަހު ރާއްޖެ އައިސް، ރާއްޖޭގައި ކައިވެނި ރަޖިސްޓްރީކުރަން މަސައްކަތްކުރާ މުއްދަތުގެ ތެރޭގައި ލިބޭ ދަރިން ބައްޕައަށް ނުލައްވާ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައުލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމުގައި، އެ އޮފީހުގެ މަސައްކަތްތައް ރަނގަޅުކުރުމަށް ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ، އެ ކޮމިޓީގެ ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލާ ގުޅިގެން ނިއުމަތު ވިދާޅުވީ، އެ ބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސްދިނުން ކަމަށެވެ.
އެގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ ތެރެެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ، ރާއްޖޭން ބޭރުގައި ކުރާ ކައިވެނިތައް ރާއްޖޭގައި ރަޖިސްޓްރީކުރަން އޮންނަ މަރުހަލާގެ މުއްދަތު ދިގުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުމަތު ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ކަން ހިނގާގޮތަކީ، ރާއްޖޭން ބޭރުގައި، މުސްލިމް ކައުމެއްގައިވިޔަސް، ކައިވެނިކޮށްގެން ދިރިއުޅުމަށްފަހު ރާއްޖެ ބަދަލުވެ، އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީކުރުމުުގެ މަސައްކަތަށް ދިގު މުއްދަތެއް ނަގާ ކަމަށެވެ.
އެގޮތަށް ހިނގާ މުއްދަތުގައި އެ ދެމަފިރިންނަށް ދަރިއަކު ލިބިއްޖެނަމަ، ރާއްޖޭން ބަލަނީ އެއީ ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައި ކަމަށެވެ. އިސްލާމީ ޝަރީއަތާ އެއްގޮތަށް ބޭރު ގައުމެއްގައި ކައިވެނި ކުރި ނަމަވެސް، ރާއްޖޭގައި ބަލަނީ ހަމަ އެގޮތަށް، ބައްޕަ ނެތް ކުއްޖެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
"އެހެން ތަނެެއްގައި ކައިވެނިކުރިޔަސް އިސްލާމީ ޝަރީއަތާ އެއްގޮތަށް ކޮށްފިނަމަ އެއީ ކައިވެންޏަކަށްވާނެ، އެކަމަކު ރާއްޖޭގައި ކައިވެނި ރަޖިސްޓްރީކުރުމުގައި އަންނަ ދިގު މަރުހަލާގެ ތެރޭގައި ކުއްޖަކު ލިބިއްޖެއްޔާ އެއީ ބައްޕައަށް ނުލައްވާ ބައްޕަ ނެތް ކުއްޖެއްކަމަށް އޮންނަނީ،" އޭނާ ވިދާޅުވިއެވެ.
އޮމްބަޑްސްޕާސަން ވިދާޅުވީ، އެކަންކަން ރަނގަޅު ކުރެއްވުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނު ހިމެނޭގޮތުން ކަމާބެހޭ އެތައް ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު