އެރިޓްރިއާ ހިފަހައްޓާފައިވާ އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓުތައް ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ބަން އެ ބޯޓުތައް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހިފެހެއްޓީ، މިސްރުން ރާއްޖެ އައުމަށް ދަތުރު ކުރަނިކޮށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެޓްރިއާގައި ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބުނެއެވެ.
އެ ބޯޓުތައް ފަޅުވެރިންނާއެކު އެ ގައުމުގައި ތާށިވެފައި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން އޭގައި ތިބި އެފްއެސްއެމްގެ ހަ ފަޅުވެރިން ވަނީ ދޫކޮށްލައިފައެވެ. އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ބޯޓުތައް ހިފެހެއްޓި މައްސަލައިގައި އެޓްރިއާއަށް ގޮސް، އެ މައްސަލަ ހައްލުކުރަން އެފްއެސްއެމްގެ ކުރީގެ މެނޭޖްމަންޓުން މަސައްކަތްކުރަން އުޅުނު ނަމަވެސް. ފަހުން ވަނީ އެ މައްސަލައިގައި ގާނޫނީ ގޮތުން ކުރިއަށް ދިއުމަށް ނިންމައިފައެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން ވަނީ އެފްއެސްއެމްގެ ބޯޓުތަކާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުމަށާއި އެ ބޯޓުތައް އިންޝުއަރެންސް ހައްދާފައިވާކަން ސާފުކޮށްދިނުމަށް އެދިފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ, އެރިޓްރިއާއާ މުއާމަލާތު ކުރަން ވަރަށް އުނދަގޫ ކަމަށާއި އެހެންކަމުން އެކަމުގައި މާ އުންމީދު ޖަވާބެއް ދެވެން ނެތް ކަމަށެވެ.
"އަޅުގަނޑަށް މާކަ އުންމީދީ ޖަވާބުތަކެއް ދެވޭ ގޮތަކަށް ނޫން ކަންތައްތައް އޮތީކީ. އަޅުގަނޑުމެންގެ ދެ ބާޖުގެ އިތުރުން އެހެން ބައެއްގެ ބާޖެއްވެސް އެބައޮތް ހިފަހައްޓާފައި. އެރިޓްރިއާއާ ކޮމިއުނިކޭޓް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމުގައި އަދި އަލިމަގެއް ފެނިފައެއް ނެތް،" ޝިމާދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު