ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ލަންކާ އާއެކު ގާއިމުކުރާ އެއްބަސްވުން ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅޫންތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
"ޓްރީޓީ ބިޓްވީން ދަ ގަވަރުމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރުމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް" ގައި ރާއްޖެއިން ސޮއިކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވަން ނިންމެވީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުއެވެ.
އެކަމަށް މަޖިލީހުން ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވެވީ މިއަދުއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ލަންކާ އާއެކު ސޮއިކުރާ އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުން ކަމަށެވެ.
އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ 2011 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު