ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ނުދީ އޮތް 144 މިލިއަން ރުފިޔާ ހޯދައި ދިނުމުގައި އެހީތެރިވެ ދިނުމަށް އެދި އެ ހޮސްޕިޓަލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

އެކަމަށް އެދި އޭޑީކޭ ހޮސްޕިޓަލުން އެ ކޮމިޓީ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ފައިސާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމާ ހިސާބަށް ދޭން ހުރި ފައިސާ ކަމަށެވެ.

އެއީ އޭޑީކޭ އިން ސަރުކާރު މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކުގެ އިތުރުން އާސަންދަ އާއި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްތަކަށް ފޮނުވި ބިލްތަކުގެ ތެރެއިން ފައިސާ ނުލިބި އެތައް މަހެއް ވެފައިވާ ބިލްތަކުގެ ފައިސާ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސަރުކާރުން ދައްކަން ޖެހޭ 144،376،112 ރުފިޔާ އެބަހުރި ކަމަށް އެ ސިޓީގައިވަނީ ބުނެފައެވެ.

އޭގެ ތެރެއިން ފައިސާ ނުދައްކާތާ 90 އަށް ވުރެ ގިނަ ދުވަސްވެފައިވާ 78،555،528 ރުފިޔާ ހޯދަން މަޖިލީހަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް ކޮމިޓީގައި އެދުނެވެ.

އެ ސިޓީ މާލިއްޔަތު ކޮމިޓީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމީ މިހާރު އޭގެ ތެރެއިން ލިބިފައި ވަނީ ކިހާ ފައިސާއެއްތޯ ނުވަތަ ނުލިބި އިތުރުވެފައި ވަނީ ކިހާވަރެއްތޯ ސާފު ކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ސިޓީއެއް ފޮނުވުމަށެވެ.