ވަކި އަދަދެއްގެ މެންބަރުންގެ ސޮއި ހަަމަކޮށްގެން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ގޮވާލައްވައިފިއެވެ.
މެންބަރު މުސްތަފާ އެކަމަށް ގޮވާލެއްވީ، ސަރުކާރުގެ ސްކޯލަޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ޖަމާކޮށް ނުދޭ ކަމަށް ބުނެ އެ ފައިސާ ޖަމާކޮށްދޭން ސަރުކާރަށް ގޮވާލައި އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ޕީއެންސީގެ 59 މެންބަރުން ވޯޓުލައިގެން މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމުން ވަނީ ބޭރުކޮށްލައިފައެވެ.
ނަމަވެސް ޕީއެންސީން މިއަދު މަޖިލީހަށް ހުށަހެޅި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްވަމުން މުސްތަފާ ވިދާޅުވީ، އެމްޑީޕީ މެންބަރުން ކުއްލި މައްސަލަ ހުށަހެޅީ އެފަދަ މުހިންމު ކަންތައްތައް މަޖިލީހުގައި ހުއްޓައި ބޭކާރު މަޖިލީހަކަށް ރައްޔިތުންގެ މަޖިލިސް ހަދައި، މަޖިލީހުގެ ވަގުތުތައް ބޭކާރު ކުރަން ކަމަށެވެ.
އަދި ކޮންމެ ދުވަހަކު މަޖިލީހުގެ މަސައްކަތް ފަށަން ޖެހެނީ އެކަހަލަ ތާކުންތާކުނުޖެހޭ ކަމެއްގެ ތެރެއިން ހުށަހަޅާ ކުއްލި މައްސަލައެއްގެ ތެރެއިން ކަމަށާއި އެހެންކަމުން އެފަދަ ބޭކާރު ކުއްލި މައްސަލަަތައް މަޖިލީހަށް ނުވަންނާނެ ގޮތަކަށް ކަންކަން ފަރުމާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކުގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭ ގޮތަކަށް މަޖިލީހުގެ މަަސައްކަތްތައް ބައްޓަން ކުރެއްވުމަކީ މަޖިލިސް ރައީސްގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ކޮންމެސް އަދަދެއްގެ މެންބަރުންގެ ސޮއި އޮވެގެން ނޫން ގޮތަަކަށް މަޖިލީހަށް ކުއްލި މައްސަލަ ހުށަނޭޅޭނެ ގޮތް ހެދުމަށް އޭނާ ގޮވައިލެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު ބުނާ ގޮތުން ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ މުހިންމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު