ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދޭ މުއްދަތު 70 އަހަރަށް އިތުރުކުރުމަށްޓަކައި، ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ވަނީ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ކޮޕީރައިޓްގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެ ނޫންވެސް ހައްގުތަކާ ގުޅޭ ކަންކަން އިތުރަށް ތަފުސީލުކުރުން ކަމަށެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާއާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާ ހިމެނޭ ގޮތުން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލު ކުރެވޭނެ ނުވަތަ ބޭނުން ކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުމާއި އޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމަށާއި ކޮޕީރައިޓާ ގުޅޭ ހައްގުތައް ކަށަވަރު ކުރުމާއި އެ ނޫންވެސް ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

އުފެއްދުމަކާ ގުޅިގެން ހުއްދަ ހޯދަންޖެހޭ ހާލަތްތަކަކީ އިސްތިސްނާ ހާލަތްތައް ކަމަށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް މީހަކު ނުވަތަ ބަޔަކު އަރައިގަތުމުގެ ސަބަބުން އެ ފަރާތުގެ މާލަށާއި އަބުރަށް ލިބުނު ސީދާ ގެއްލުމެއްގެ ބަދަލާއި އެ ފަރާތައް އެއިން ލިބުނު ފައިސާއާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހަރަދެއްކުރި ނަމަ، ކުރި ހަރަދު ލިބިގަތުމުގެ ހައްގު ވެރިފަތާތައް ލިބިގެންވާ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ މި ގާނޫނުގެ ދަށުން ހިމާޔަތް ކޮށްދީފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް އަރައިގެންފިނަމަ އެކަމަކުން ލިބުނު ފައިދާގެ މައްޗަށް ބަލައި ކޯޓުން ބަދަލު ނަގައިދޭންވާނެ ކަމަށެވެ.

އަދި އެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް ގަސްތުގައި އުނިކަމެއް އަންނާނެ ގޮތަކަށް އަމަލުކޮށްފިނަމަ ނުވަތަ ކޮޕީރައިޓްގެ ވެރިފަރާތައް ގެއްލުންވާނެކަން އެނގިހުރެ އެފަދަ އަމަލެއް ކޮށްފިނަމަ، އެއީ ކުށެއް ކަމަށާއި އެ ކުށުގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށްވެސް ހިމަނާފައިވެއެވެ.

އަދި އެ ކުށް ތަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް ކުށުގެ އަދަބުގެ ދެގުނަ، އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެެ.

މި ގާނޫނުން ހިމާޔަތްކޮށްދޭ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ ކޮބައިކަމާއި ގާނޫނާހިލާފް އަމަލުތަކަކީ ކޮބައިކަންވެސް މި ބިލްގައި ވަނީ ކަނޑައަޅައިފައެވެ.