ސަރުކާރުގެ ސްކޯލާޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާކޮށް ނުދޭ ކަމަށް ބުނެ އެ ފައިސާ ޖަމާކޮށްދޭން ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބާރުކޮށްލައިފިއެވެ.

ރައްޔިތުންގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލްއެވެ.

ކުއްލި މައްްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވީ ތައުލީމަކީ ގައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ތަނބު ކަމަށް ދެކި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖޭން ބޭރުން ހުޅުވާލައި ރާއްޖޭގައި ހިލޭ ޑީގްރީ ހެދޭނެ ނިޒާމު ގާއިމުކޮށްދީ ރާއްޖޭން ބޭރަށް ކިޔަވަންދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދެއްވުމަށް ސްކޮލަޝިޕާއި ސްޓޫޑެންޓް ލޯން ސްކީމް ތައާރަފުކޮށް، ޖުމުލަ 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް އެމްޑީޕީ ސަރުކާރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައި ދިން ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ސްކޮލާޝިޕްގެ ލޯން ސްކީމުގެ ދަށުން ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ލަސްވަމުންދާތީއާއި ބައެއް ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށްވެސް ނާޒިލް ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭންޖެހޭ ފައިސާ، ޖަމާނުކުރުމުގެ ސަބަބުން އެ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ، ޔުނިވާސިޓީ ނުވަތަ ކޮލެޖަށް ދައްކަންޖެހޭ ކޯސް ފީ ނުދެއްކި އެ ދަރިވަރުން ބްލެކްލިސްޓް ކުރާ ހިސާބަށް މައްސަަލަ ގޯސް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ދަރިވަރުން ދިރިއުޅޭ ތަނުގެ ކުލި ނުދެއްކި ގިނަ ދުވަސްތަކެއް ވަމުންދާތީ އެ ކުދިން ދިރިއުޅެމުންދާ ތަން ހުސްކުރަން ޖެހި އެ ކުދިން މަގުމަތިވުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، އާއިލާއާ ދުރުގައި ރާއްޖޭން ބޭރުގައި އެ ކުދިން އުޅެމުންދާއިރު ދުވަހުން ދުވަހަށް އެ ކުދިން ކުރަންޖެހޭ ހަރަދުތައްވެސް ނުކުރެވި އެކި ފަރާތުގެ އެހީތެރިކަަމަށް އެދި ސަލާންޖަހަންޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެ ކުދިންގެ އާއިލާތައް ގޮސްފައިވާ ކަމަށެވެ.

އެކަން އެހެން އޮއްވައި ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ތިޖޫރީ ހުސްކުރަނީ ސަރުކާރުގެ ވެރިންނާއި ގެކޮޅުތަކާއި އޮފީސްތައް ޒީނަތްތެރިކުރުމަށާއި ޑޮލަރު ހަރަދުކޮށްގެން ބޮޑެތި ވަފުދުތައް ހަދައިގެން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ސިޔާސީ މުވައްޒަފުން ފައުޖު ފައުޖަށް އައްޔަންކޮށް އެ މީހުންނަށް މުސާރަ ދޭން ކަމަށް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ވިދާޅުވީ، މި ސަރުކާރުން އުމްރާނީ ތަރައްގީއަށް އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަވެފައިވާއިރު، އެފަދަ ކަންތައްތަކަށް ބޭނުންވާ އެއްވެސް ސިޔާސަތެއް އުކުލަވާލައި ތަންފީޒު ކުރަމުން ނުދާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނަތީޖާ ދައްކައިދޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެކަމުގައި ދަރިވަރުންނަށް އެއްވެސް ޖަވާބެއް ސަރުކާރުން ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް މި ސަރުކާރުން ކުރިމަތިކުރުވާ އުނދަގުލާއި ހާސްހަމާއި ހިތާމައަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވީހިނދު އަދި ރާއްޖޭން ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ މިހާރުން މިހާރަށް ޖަމާކޮށްދިނުމަކީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރުގެ ގާނޫނީ ޒިންމާއަކަށް ވީހިނދު އެ ޒިންމާ ވަގުތުން ވަގުތައް އަދާކުރުމަށް، ވަޒީރަށް ގޮވާލަން،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނާޒިލް ވިދާޅުވިއެވެ.

މި ކުއްލި މައްސަލައާމެދު ބަހުސްކުރޭތޯ ބެލުމަށް ނެގި ވޯޓުގައި، އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެ ވަގުތު މަޖިލީހުގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. އެ ކުއްލި މައްސަލައަށް ވާހަކަދައްކަން ބޭނުންނުވާ ކަމަށް 59 މެންބަރުން ވޯޓު ދެއްވައިގެން މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލިއެވެ.