ހިރިޔާ ސްކޫލްގެ ބިދޭސީ ޓީޗަރެއް ވަކި ކުރި މައްސަލައިގައި، ބަދަލުގެ ގޮތުގައި އޭނާއަށް 32،700 ރުފިޔާ އާއި އޭނާ ގައުމަށްދިއުމަށްޓަކައި ނެގި ޓިކެޓްގެ ފައިސާ ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ހިރިޔާ ސްކޫލްގެ ފިޒިކްސް ޓީޗަރެއްގެ މަގާމު އަދާކުރަމުން ދިޔަ އިންޑިޔާ ރައްޔިތެއް ކަމަށްވާ ދީނަދަޔަލު ސެންތިލްކުމާރު ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެވެ.
އެ މައްސަލައިގައި ދީނަދަޔަލު ސެންތިލްކުމާރު ބުނެފައި ވަނީ 11 މެއި 2000 އިން ފެށިގެން ޓީޗަރެއްގެ ގޮތުގައި އޭނާ ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ކަމަށާއި ސީއެސްސީއާ އެކު ވި އެއްބަސްވުމެއްގެ ދަށުން ހިރިޔާ ސްކޫލަށް މަސައްކަތް ކުރަން ފެށީ އެކެއް އޯގަސްޓް 2022 ގައި ކަމަށެވެ.
ނަމަވެސް އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ހަތެއް ނޮވެމްބަރު 2022 ގައި އޭނާ ހިރިޔާ ސްކޫލްގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއިން ވަކިކުރުމުގައި ގާއިމްކުރަންޖެހޭ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރުމެއްނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށާއި އޭނާ ވަޒީފާ އަދާކުރި ކަމުގެ ލިއުންތައް ހިއްސާކޮށްދިނުމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށްދިނުމަށް އޭނާ ވަނީ ޓްރައިބިއުނަލްގައި އެދިފައެވެ.
ދެފަރާތުގެ ވާހަކަތަކާއި ހެކިތަކަށް ބެލުމަށްފަހު، މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށް ކަނޑައަޅާ ކަމަށެވެ.
ނަމަވެސް އޭނާ ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިނުވާ ސަބަބަށްޓަކައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ލިބެމުންދިޔަ 16،350 ގެ ނިސްބަތުން ދެ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާގެ ގޮތުގައި 32،700 ރުފިޔާ ދިނުމަށް އަމުރުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ވަޒީފާ އަދާކުރި ލިއުންތައް އޭނާއަށް ދޫކުރަން ސީއެސްސީއަށް އަންގަންޖެހޭ ކަމަށާއި އޭނާ ވަކިކުރުމަށްފަހު އަނބުރާ ގައުމަށް ދިއުމަށްޓަކައި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ޓިކެޓް ނުވަތަ ޓިކެޓަށްވާ ފައިސާ ދިނުމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެކަންތައްތައް ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒު ކުރުމަށްފަހު، އެކަންކަން ހަމަޖެހޭތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިއުމުން އެންގުމަށް ސީއެއްސީއަށް އަންގާ އަމުރުކުރާ ކަމަށް ޓްރައިބިއުނަލުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު