ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރަން އަމަލުކުރި ގޮތާމެދު ފާޑުކިޔުން އަމާޒުވުމުން އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ދެ ފުލުހަކު ވެގެން މީހަކު ހައްޔަރުކުރަން އޭނާ ބިންމައްޗަށް ވައްޓާލައި އަނިޔާވެރި ގޮތަކަށް އަތުގައި ބިޑި އަޅުވަން މަސައްކަތްކުރާ ތަނެވެ. އޭގެ ތެރެއިން އެއް ފުލުހަކު ބިންމަތީގައި އޮތް މީހާގެ ކަރަށް ފައިން އަރައިގެން ހުއްޓާވެސް ފެނެއެވެ.

މި ވީޑިއޯ އާންމުވުމާ އެކު ފުލުހުން އަމަލުކުރި ގޮތާ މެދު ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، ޝިފާން ވިދާޅުވީ އެފަދަ އެއްވެސް އަމަލަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ހަމަތަކުގެ ތެރެއިން އަދި އެ ހިދުމަތުން ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ. އަދި އެ ހާދިސާ ތަހުގީގު ކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި މިހާރު އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.

"އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރު ނުދޭނެ ކަމުގައި ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، އޭގެ އެއް އޮޕަރޭޝަނެއްގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނާ ކުރިމަތިވެސް ލައިފައެވެ.