ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

ބޮޑުފިނޮޅަކީ ވ. ތިނަދޫއާ އެއްބިތެއްގައި އޮންނަ ފިނޮޅެކެވެ. އެ ފިނޮޅަކީ އެ އަތޮޅުގެ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

އެ ފަޅު ވިއްކާލުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ވ. ތިނަދޫ ރައީސް ޝިފާގު ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑުފިނޮޅު ވިއްކާލައިފައި ވަނީ 729،000 ޑޮލަރަށް ކަމަށާއި އެތަން ނުވިއްކައި ބޭއްވި ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވީސް ކަމަށެވެ.

"ވ.ބޮޑުފިނޮޅަކީ ވ.އަތޮޅާއި ކ. އަތޮޅުގެ ގެސްޓްހައުސްތަކުން އަދި ރިޒޯޓްތަކުން އާއްމުކޮށް ދުވާލަކު 200 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރަމުން ދިޔަ

ވ.އަތޮޅުގައި ނުގިރައި އޮތް ހަމައެނި ފިނޮޅެވެ." ޝިފާގް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ބޮޑުފިނޮޅުގެ ކަންކަން ދިޔައީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ބޮޑުފިނޮޅަށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ ކާނި ހޮޓެލްސްއިންނެވެ. އެ ޕްރޮޕޯޝަލް ކާމިޔާބުވެފައިވާކަން ކާނި ހޮޓެލްގެ ވެރިޔާ އަބްދުﷲ ނަޝީދުވެސް ވަނީ "ވަން" އަށް މިއަދު ކަށަވަރުކޮށްދެއްވައިފައެވެ.

ބޮޑުފިނޮޅު ހިމެނޭ ގޮތަށް 17 ތަނެއް، ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވައިލީ މި އަހަރު މެއި މަހު އެވެ.