މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކާޓްރިޖުތަކެއް ރާއްޖެއަށް އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ކަސްޓްމަސްއިން ދިން އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓިން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން، އެ މީހާ ހައްޔަރު ކުރުމަށްފަހު އޭނާ އަތުގައި އޮތް ޕާރުސަލް ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ކާޓުރިޖު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހަޝިޝް އޮއިލް އަޅާފައިވާ ވޭޕް ކާޓްރިޖުތައް ރާއްޖޭގައިވެސް ވަގަށް ވިއްކައެވެ. އެ ފަދަ ބައެއް ވޭޕް ކާޓްރިޖްތައް ފުލުހުން މީގެ ކުރިންވެސް އަތުލައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު