ހާލުގައި އުޅޭ އާއިލާތަކަށް އެހީ ވުމަށް ޖެންޑާއިން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.
ޖެންޑާއިން މިއަދު މީޑިއާތަކަށް ބުނީ ދައުލަތުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅިގެން ވީހާ ވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ޖެންޑާއިން އިސްލާމިކް މިނިސްޓްރީއާ އެކު މަޝްވަރާކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ޖެންޑާއިން ވަނީ އެ މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ގެތަކަށް ޒިޔާރަތްކޮށް އެއްކުރާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފާހަގަކުރެވޭ ނިކަމެތި އާއިލާތަކާއި، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމުތަކުގެ ތެރެއިން އެހީ ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ކޮށްފައި ކަމަށް ޖެންޑާއިން ބުނެއެވެ.
އޭގެ އިތުރުން ދާއިމީ ގޮތެއްގައި އެ ފަރާތްތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެ އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް ދެ މިނިސްޓްރީ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރިކަމަށް ޖެންޑާއިން ބުންޏެވެ.
ޖެންޑާއިން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ދަށުން މި އަހަރުގެ ޖުލައި އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން 1015 ގެއަށް ޒިޔާރަތްކޮށް، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ހާލު ޖެންޑާއިން ބެލި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު