ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާގައި ދިރިއުޅޭ ކުދީންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ "ހަފުތާ ޕިކްނިކް" އަލުން ފަށައިފި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާއިން މިއަދު ބުނީ މި ހަފުތާގެ ހަރަކާތުގައި ފިޔަވަތީގައި މަސައްކަތްކުރާ މުވައްފުންނާއި ކެއާ ވޯކަރުން ވެސް ބައިވެރިވި ކަމަށާއި އަދި ކުދީން ހިތްހަމަޖެހޭނެ ތަފާތު ކުޅިވަރުތައް ވެސް ކުރިޔަށް ގެންދިޔަ ކަމަށެވެ.

ދައުލަތުގެ ހިޔާވަހިކަމުގައި ދިރިއުޅޭ ކުދިންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ހޯދައިދިނުމަކީ ޖެންޑާއިން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެކި ސަބަބުތަކާއި ހުރެ، ދައުލަތަށް ނަގާފައި ތިބޭ ކުދިން ހިޔާގައި ތިބޭ ވަގުތުތަކުގައި ޖެންޑާއިން ގެންދަނީ ކުދިންގެ އާއިލާތަކާއެކު ގާތުން މަސައްކަތްކޮށް އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ މަސައްކަތްތަކުގެ ތެރެއިން އާއިލާތަކުގެ ހާލަތު ރަނގަޅުކުރެވި، އެ ކުދިން އަނބުރާ އާއިލީ ދިރިއުޅުމަށް ބަދަލުކުރުމުގެ މަސައްކަތްތަކާއި، އާއިލީ ދިރިއުޅުމުގައި އުޅޭއިރު އެ ކުދީންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމުގެ މަސައްކަތްތަކަކީ ވެސް ޖެންޑާއިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެކެވެ.

"ކޮންމެ ކުއްޖަކީވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަމާއި އާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަކީ މި ވުޒާރާގެ އަމާޒެއް." ޖެންޑާއިން ބުންޏެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.