ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް ސަބްސިޑީ ދޭ ނަމަ އޭނާގެ ވިޔަފާރިތަކަށްވެސް ސަރުކާރުން ސަބްސިޑީ ދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، މަސްވެރިންގެ އަތުން 25 ރުފިޔާއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު އިއްޔެ އިން ފެށިގެން 14 ރުފިޔާއަށް ކުޑަކުރުމާއި ގުޅިގެން ސަަރުކާރުން އެގޮތަށް ނިންމި ނިންމުމާއި މަސްވެރިންނަށް ޑޮލަރުން ފައިސާ ނުދޭ މައްސަލަ ބަލައިދޭން އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުންނެވެ.

އެ މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގެން ޝަމްހީދުގެ ހުށަހެޅުއްވުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ވާހަކަދައްކަވުން ގާސިމު ވިދާޅުވީ، މަސްވެރިންނަށް ހިތްވަރުދީ މަސްވެރިކަން ކުރިއަރުވަން ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ތިން، ހަތަރު ލައްކަ ޑޮލަރަަށް ލިބޭ ހަ ވަރަކަށް އައިސްޕްލާޓް ބެހެއްޓުމުން މަސްވެރިންނަށް އެ ހިތްވަރެއް ނުދެވޭ ކަމަށް ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ މަސްވެރިންނަށް ހިތްވަރުދީ ކަންކަން ފަހިކޮށްދިނުމުގެ ބަދަލުގައި ނުއަގުގައި މަސްވެރިންގެ އަތުން މަސް ގަނެގެން ދުވަހަކުވެސް މިފްކޯއަށް ފައިދާ ނުލިބޭ ގޮތަށް ސަބްސިޑީ ދެމުން ދިއުމުން އެހެން ސެކްޓަރުތަކުގެ މީހުން މައްސަލަަ ޖައްސަމުންދާ ކަމަށެވެ.

"އެހެން ސެކްޓަރުގެ މީހުން މައްސަލަ ޖައްސައޭ ތިމަންނަމެން އަތުން ޓެކްސް ނަގައިގެން ކީއްވެގެންހޭ 17،000 މަސްވެރިންނަށް އެކަނި ސަބްސިޑީ ދެނީ، އެ އަޑު އިންތިހާއަށް ގަދަވެއްޖެ،" ގާސިމު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މަސްވެރިންނަށް އިތުރު އިނާޔަތްތައް ލިބޭނެ ގޮތަށް ވޭތުވެދިޔަ ތިން ސަރުކާރުންވެސް އެ އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތް ކޮށްފައިނުވާ ކަމަށާއި އޭގެ ބަދަލުގައި ސިޔާސީ ފައިދާ ހޯދުމަށް މަސްކިރުވީ މިފްކޯއަށް ކަމަށެވެ.

ނަމަވެސް އޭނާއަކީ މަސްވެރިކަމުގެ ސިނާއަތަށް 250 މިލިއަން ޑޮލަރަށްވުރެ ގިނައިން އިންވެސްޓް ކޮށްފައިވާ މީހެއް ކަމަށާއި ސަރުކާރުގެ އިންވެސްޓްމަންޓުތަކަށްވުރެ އޭނާގެ މާންދޫއާއި ހޯނޑެއްދޫއާއި ކީކިމިނި ވަރުގަދަވެފައި މޮޅުވާނެ ކަމަށް ގާސިމު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ގާސިމު ވަނީ ހޯނޑެއްދޫގެ އިންވެސްޓްމަންޓު ނިންމަން ހަ އަހަރުގެ ތެރޭގައި ދައްކައި ގޮތަށް، 100 މިލިއަން ރުފިޔާގެ ލޯނަކަށް އެދި ސަރުކާރުގައި އާދޭސް ކުރުމުންވެސް އެ ލޯނު ނުދެއްވި ކަމަށްވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މިފްކޯއަށް ސަބްސިޑީ ދޭނަމަ އޭނާގެ ވިޔަފާރިތަކަށްވެސް ސަބްސިޑީ ދޭން ޖެހޭނެ ކަމަށާއި މިފްކޯ އިން ކުލި ނުނަގާ ނަމަ، އޭނާގެ އަތުންވެސް ނަގައިގެން ނުވާނެ ކަމަށެވެ.