ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރާ އިރު، ކައުންސިލް މެންބަރުންގެ އަދަދުވެސް މަދުކުރަން ޖެހޭ ކަމަށް ޕީއެންސީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ ދައުރަކުން މަޖިލީހުގެ މެންބަރުން އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ނުވާނެ ގޮތަށް ގާނޫނަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ހިޔާލު ހޯއްދެވުމަށް މިއަދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، މި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. އަދި މި ގަރާރަކީ މިހާރު ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން ހުށަހެޅި ގަރާރެއް ކަމަށާއި މާލީ ހާލަތު ހުރިގޮތުން މުސާރަތައް ބޮޑުކޮށްގެން ގިނަ ބަޔަކަށް މުސާރަ ދެވޭކަށް ނެތް ކަމަށެވެ.

ނާޒިމް ވިދާޅުވީ، ހަމައެކަނި މަޖިލިސް މެންބަރުންގެ އަދަދާއި މެންބަރުންގެ މުސާރައިގެ ވާހަކަ ދައްކާލައިފައި ނިންމާލެވޭކަށް ނެތް ކަމަށެވެ.

މަޖިލީހުގެ އިތުރުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދުވެސް މަދުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މީގެ ކުރިން އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމާ އެކު ކައުންސިލަރުންގެ އަދަދު އިތުރު ކުރުމުން، ދައުލަތުގެ މާލީ ބުރަދަން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލް މެންބަރުންގެ އަދަދާއި އެ މެންބަރުންގެ މުސާރަތައް މަދުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އާބާދީގެ ކޮންމެ ފަސްހާސް ރައްޔިތަކަށް މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިރު، 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހާ ހަމައަށް 16 މެންބަރުން މަޖިލީހަށް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސް ތަކުގައި މެންބަރުން ހިމެނޭ ގޮތް ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ޖަޒީރާ ބައެއް ގައުމުތަކަށް އަޅުގަނޑުމެން ބަލައިލާ އިރު، މޮރިޝަސްގެ ގާތްކަނޑަކަށް 1.3 މިލިޔަން މީހުންގެ އާބާދީއެއްގައި ތިބީ 70 މެންބަރުން. ސީޝެލްސްގައި ގާތްގަނޑަކަށް އެއްލައްކަ މީހުން ތިބި އިރު ތިބީ 35 މެންބަރުން. އާބާދީގައި 896،000 ހިމެނޭ ފިޖީގައި 51 މެންބަރުން ތިބެގެން ކުރިއަށް މި ގެންދަނީ،" ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ 10،000 މީހަކަށް މެންބަރެއް ހުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭރުން މަޖިލީހުގައި ތިއްބަވާނީ 52 މެންބަރުން ކަމަށާއި އެ އަދަދަށް މެންބަރުން މަދު ކުރެވިއްޖެނަމަ، 31 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.