ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން ހުށަހެޅި މައްސަލައަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއާ ގުޅޭ ގޮތުން އެ ސިޓީ ހުށަހެޅި ފަރާތާ ބައްދަލުކޮށް އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ބައްދަލުވުމެއް ކަމަށެވެ.

އެހެންކަމުން މި ކަމާބެހޭ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރެވެ.

އެ ހުށަހެޅުމަށް ވޯޓު ދީގެން ކޮމިޓީ ސިއްރުކުރަން ފާސްކުރިއެވެ.

އެހެންކަމުން ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭގޮތުން ކޮމިޓީން ބަލަމުން ގެންދަނީ ކޮން މައްސަލައެއްކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.