މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ދަށުގައި ހުންނަ ޖަލުތަކާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ރިމާންޑް ޖަލުތަކުގައި މަރުވާ މީހުންގެ ހަށިގަނޑު އާއިލާއާ ދެން ހަވާލުކުރާނީ ފުރިހަމަ ޕޯސްޓްޕޯޓަމަކަށްފަހުގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ/ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި، އަނިޔާކުރިކަމުގެ ނިޝާންތައް ހުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެކަން ބެލުމަށް ކުރިއަށްގެންދިޔަ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އިހުސާން ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހަކު މަރުވެއްޖެނަމަ އާއިލާތަކަށް ހަށިގަނޑު ދޫކުރާނީ ފުރިހަމަ ޕޯސްޓްޕޯޓަމެއް ހެދުމަށްފަހު އެކަމުގެ ރިޕޯޓުތައް ލިބި މުއްސަސާތަކުން ޖަވާބުދާރި ވެވޭ ވަރަށް ތައްޔާރުވެގެން ކަމަށެވެ.

އަދި ޖަމީލު މަރުވިކަން އެނގުނީ ހަތަރު ގަޑިއިރުފަހުންކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ހަރަކާތެއް ނެތި ހަތަރު ގަޑިއިރު އެހެން އޮތުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން އެއީ އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ ކަމެއް، އެހެންކަމުން މިއަދުން ފެށިގެން އެއްގަޑިއިރު ތެރޭގައި ކަރެކްޝަނަލް ސާވިސް އިން ކޮންމެ ގައިދީއަކު އަޅުގަނޑުމެން ބަލާނަން އެއީ އަޅުކަމުގެ ހަރަކާތެއްގައި އޮތަސް އެ މީހާ ފުރާނަ ހުރިތޯ، ހަރަކާތް ކުރޭތޯ،" އިހުސާން ވިދާޅުވިއެވެ.