ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައިގައި ހިންގި އޮޕަރޭޝަންގައި ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފައިވެއެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން 11 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، އަނެއް ދެ އޮފިސަރުންގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ.

އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި އެކަމުގައި ކަރެކްޝަންސްގެ ޖޫނިއާ ލެވަލްގެ 18 އޮފިސަރަކު ހިމެނޭ ކަމަށާއި އެ މީހުންގެ އެކައުންޓުތަކަށް 73 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް އޮފިސަރުގެ އެކައުންޓަށް އަހަރެއް ތެރޭ 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޖަލު ބަންދުގައި ތިބޭ މީހުންގެ އެކައުންޓުންނާއި މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަމަށެވެ.