ސަރުކާރުން ހުށަހަޅާފައިވާ ދަރަންޏާ ބެހޭ ބިލުގެ މަސައްކަތް އަވަސް ކުރަން ރައްޔިތުން މަޖިލީހުގެ އަވަސް ޖަލްސާއެއް ބާއްވަން އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ނަމަވެސް މިހަފުތާގެ ފުރަތަމަ ޖަލްސާ އެޖެންޑާކޮށްފައި ވަނީ އާދީއްތަ ދުވަހަށެވެ.
މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން އާދީއްތަ ދުވަހުގެ ޖަލްސާގައި އޮންނާނީ މައިގަނޑު ތިން ކަމެކެވެ. އެއީ ދައުލަތުގެ ދަަރަންޏާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސާއި ސަމޮއާ އެގްރިމެންޓަށް ރުހުން ދިނުމުގެ މައްސަލަ، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށް ބަހުސްކޮށް ގޮތެއް ނިންމުމެވެ.
މީގެ އިތުރުން ތުރުކީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ހަމަޖެއްސުމާއި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަމަޖެއްސުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުންވެސް ހިމެނެއެވެ.
ދަރަންޏާ ބެހޭ ބިލަކީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުތަކުގެ ތެރޭގައި ވެސް ހިމެނޭ ބިލެކެވެ. މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހުއެވެ.
ސަމޮއާ އެގްރިމެންޓްގައި ސޮއިކުރުމާ މެދު މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓްގައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ރިޒަވޭޝަނަކާ އެކު އެ އެގްރިމެންޓްގައި ސޮއިކުރަން ރުހުންދޭން ފެންނަ ކަމަށެވެ.
ސަމޮއާ އެގްރިމެންޓްގައި ސޮއިކުރުމާ މެދު މަޖިލީހުގެ ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ މައްސަލަ ހަމަ އެ ދުވަހު ކޮމިޓީން ނިންމައި ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު