ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަޔާ ސްޓޭޝަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުޅުއްވައިދެއްވައިފިއެވެ.
ވީއައިއޭގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މެޖާ ޖެނެރަލް އިބްރާހީމް ހިލްމީ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރާ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން އެމްއޭސީއެލްގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން އަދި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަޔާ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ފަށައިފައިވަނީ އެމްއޭސީއެލްގެ ކުރީގެ ފަޔާ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނެވުނު ހާއްސަ ސުކޫތަކަށް ފަހުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީއައިއޭގެ ފަޔާ ފައިޓަރުން ކުރަމުންދާ ގައުމީ ހިދުމަތައް ޝުކުރު އަދާކުރައްވައިފައެވެ. އަދި ފަޔާ ފައިޓަރުންނަށް ބޭނުންވާ ތަރައްގީ އާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ވިދާޅުވީ ވީއައިއޭގެ ތަރައްގީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ދޭ ހާއްސަ ސަމާލު ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ވަނީ ފަޔާ ފައިޓަރުންގެ ޓީމްގެ ގާބިލްކަމާއި އަލަށް ހުޅުވި ފަޔާ ސްޓޭޝަނާ އެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ވީއައިއޭއަކީ މި ސަރަޙައްދުގައި ވެސް އަންހެން ފަޔާ ފައިޓަރުން ހިދުމަތާއި ގުޅުނު ފުރަތަމަ އެއާޕޯޓު ކަމަށް ޝަރީގު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެމްއޭސީއެލުން މަސައްކަތް ކުރަމުންދަނީ ވީއައިއޭއަކީ ރާއްޖޭގެ އިގުތިސޯދުގެ އެންމެ މުހިންމު އިންޑަސްޓްރީ، ޓޫރިޒަމް އިންޑަސްޓްރީއާ ފައިހަމަ ކުރެވޭ ފެންވަރުގެ ހިދުމަތެއްދޭ ތަނަކަށް ހެދުން ކަމަށެވެ. އަދި އާ ފެސިލިޓީތަކާ އެކު އެކަން ހާސިލު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްތައް ހިންގާ ކޮންޓްރެކްޓަރުންނާއި އެއާޕޯޓްގައި ހިދުމަތްދޭ ވިޔަފާރީގެ ބައިވެރިންނަށް ޝުކުރުއަދާކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ވީއައިއޭގެ އާ ފަޔާ ސްޓޭޝަނަކީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވި ފަޔާ ސްޓޭޝަނެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެ ސްޓޭޝަނަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ އެއާޕޯޓް ފަޔާ ރެސްކިއުގެ ކެޓަގަރީ ނުވައެއްގެ އެއާޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތް ހުޅުވިގެންދިޔަ ސްޓޭޝަނެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ 2،230 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ އެ ފެސިލިޓީއަކީ ރަންވޭ، އިރުމަތީ އޭޕްރަން، ވޯޓާ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފެސިލިޓީއެއް ކަމަށެވެ. އާ ފަޔާ ސްޓޭޝަންގައި މުވައްޒަފުންނާއި ތަމްރީންތަކަށް އަދި ކޮންޓްރޯލް ސެންޓަރު ހިމެނޭހެން ދެ ފަންގިފިލާގެ އިމާރާތެއް ވަނީ ގާއިމު ކޮށްފައެވެ.
އާ ފަޔާ ސްޓޭޝަން ހުޅުވައި ހިދުމަތްދޭން ފެށި ނަމަވެސް، ކުރީގައި ބޭނުންކުރާ ފަޔާ ސްޓޭޝަންގެ ހިދުމަތްވެސް ދެމުން ދާނެ ކަމަށާއި އެގޮތުން ޓެކްސީވޭ އަދި ހުޅަނގުފަރާތު އޭޕްރަން އަދި އޮފީސް އިމާރާތްތަކުގެ އެމަޖެންސީގައި ހަރަކާތްތެރިވާނީ ކުރީގެ ފަޔާ ސަޓޭޝަނުން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭ ބޮޑުކޮށް ހިދުމަތް ރަނގަޅު ކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫއުގެ ދަށުން މިހާތަނަށް އާ ކޯޑް-އެފް ރަންވޭ އަކާއި އާ ސީޕްލޭން ޓާމިނަލަކާއި އާ ކާގޯ ޓާމިނަލަކާއި އާ ވީއައިޕީ/ސީއައިޕީ ޓާމިނަލަކާއި އާ ފިޔުލް ފާމެއްގެ ހިދުމަތްތައް ވަނީ ތައާރަފުކޮށްފައެވެ.
އާ ފަޔާ ސްޓޭޝަނަކީ އެ މަޝްރޫއުގެ ދަށުން އެންމެ ފަހުން ހިދުމަތްދޭން ފެށުނު ތަން ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ނިޔަލަށް އާ ޓާމިނަލްގެ ބައެއް ހިދުމަތްތައް ފަށައިގަތުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު