ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް "ސީސީސީ ޕްލަސް" އެއް ދީފިއެވެ.

ފިޗުން ވަނީ މީގެ ކުރިން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކޮށްފައެވެ. އެއީ ކޮވިޑް-19 ގެ ސަބަބުންނެވެ. ފިޗުން މިދިޔަ އަހަރު ރާއްޖެއަށް ދިނީ "ބީ މައިނަސް" އެވެ.

ރާއްޖެ "ބީ މައިނަސް" ގައި ރޭޓު ކުރަމުން އަންނަތާ ވަނީ ތިން އަހަރު ވެފައެވެ. ފިޗުން ތިން އަހަރަށްފަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބޭރުގެ ދަރަނީ އިތުރުވެފައިވާތީ އާއި ރާއްޖޭގައި ޑޮލަރުގެ ރިޒާވް ދަށްވެ، ޑޮލަރު ލިބުމުގައި ބޮޑެތި ދަތިތަކެއް ދިމާވުމުގެ ސަބަބުންނެވެ.

ފިޗުން ބުނީ ރާއްޖޭގެ މިހާރުގެ ސަރުކާރުން މެދު ރާސްތާގައި ބޭރުން ނަގާ ދަރަނި ދަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މިއަންނަ އަހަރާއި 2026 ވަނަ އަހަރުގެ ދަރަނި އަދާކުރުމަށް ރާއްޖެއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ފިޗުން ބުންޏެވެ.

ދަރަނީގެ ގޮތުގައި މިއަންނަ އަހަރު ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު، 2026 ވަނަ އަހަރު ދައުލަތުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަން ޖެހޭ ކަމަށް ފިޗުން ބުންޏެވެ.

ރާއްޖޭގެ ކަރަންޓު އެކައުންޓު ޑެފިސިޓު 492 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ)، 748 މިލިއަން ޑޮލަރަށް (12 ބިލިއަން ރުފިޔާ) ބޮޑުވެފައިވާ ކަމަށް ފިޗުން ބުންޏެވެ. ރާއްޖޭގެ ފޮރިން ރިޒާވުގެ ޝޯޓް ޓާމު ފޮރިން ލައިބިލިޓީތަކުގެ އަދަދު 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށް ދަށް ވެފައިވާ ކަމަށް ފިޗުން ބުންޏެވެ.

ރާއްޖޭގެ މާލީ ހާލަތު މިހާރު ހުރި ގޮތުން ދަރަނިތައް އަދާކުރުމުގައި ރާއްޖެއިން ގައުމުތަކުގެ އެހީ ހޯދާނެ ކަމަށް ފިޗުން ބުންޏެވެ. އަދާކުރަން ހުރި ދަރަނިތަކާ އަޅައި ބަލާ އިރު، ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ބޭނުން ކުރެވޭ ގޮތަށް ހުރީ ކުޑަ އަދަދެއްގެ ފައިސާ ކަމަށް ފިޗުން ބުންޏެވެ،

ދެހާސް ސައްބީސް ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނަ މިންވަރު 117 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުންޏެވެ.