ޑެޓް މެނޭޖްމެންޓް އޮފީހެއް އުފައްދަން ހިމަނައިގެން ދައުލަތުގެ ދަރަންޏާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަންދޫ ހުށަހަޅުއްވާ މި ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެ ބިލްގައި ބުނަނީ އެ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާގޮތަށް، ޑެޓް މެނޭޖްމެންޓް އޮފީހެއް ގައިމް ކުރަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީގެ ދަށުން މިހާރު ހިންގާ ޑެޓް މެނޭޖްމެންޓުގެ ހުރިހާ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް ބިލުގައި ބުނެފައިވާ ޑެޓް މެނޭޖްމެންޓް އޮފީހަށް ބަދަލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ އޮފީސް ހިންގާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޕްރޮފެޝަނަލް ކަމާ އެކު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ އޮފީހުގެ ކަންކަމާ ގުޅޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައިވާގޮތުން ޑެޓް އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ލޯނާއި ސޮވްރިން ގެރެންޓީ އާއި ޓްރެޒަރީ ލޯނާއި ސަބްސިޑަރީ ލޯނާ ބެހޭ މައުލޫމާތުތައް ރެކޯޑު ކުރުމާއި ބެލެހެއްޓުމާއި ރިޕޯޓު ކުރުމެވެ. މީގެ އިތުރުން ދަރަނީގެ ސްޓްރެޓެޖީ އެކުލަވައިލުމާއި ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވައިލުމާއި ސެކިއުރިޓީ ވިއްކުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް އަދާކުރުމާއި ކްރެޑިޓް ރޭޓިން އެކަށީގެންވާ މިންގަނޑެއްގައި ހިފަހައްޓަން މަސައްކަތް ކުރުންވެސް އެ އޮފީހުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލުގައިވާގޮތުން ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެއެވެ. އަދި ދަރަނީގެ ސްޓްރެޓެޖީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15ގެ ކުރިން ކެބިނެޓުން ފާސް ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.