ދުބާއީގައި ފެން ބޮޑުވުން ހުއްޓުވުމަށް 8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފިއެވެ.

މީގެ ދެމަސް ކުރިން މުޅި ދުބާއީ ހުއްޓުމަކަށް އައި ފެންބޮޑުވުމުގެ ހާދިސާއަށްފަހު އެ ސިޓީއަށް އެފަދަ އިތުރު ހާދިސާއެއް ކުރިމަތި ނުވާނޭގޮތަށް ފެން ހިންދާ ނިޒާމު ފުރިހަމަކޮށް ފެން ބޮޑުވުން ހުއްޓުވުމަށް އާ މަޝްރޫއު ފައްޓަވައިދެއްވީ ދުބާއީގެ ލީޑަރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއެވެ.

ދުބާއީގެ ލީޑަރު، ޝެއިހް މަކްތޫމް ވިދާޅުވިގޮތުގައި، އެ ސިޓީގައި ވާރޭފެން ހިންދުމަށް ޑްރެއިނޭޖް ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާއިރު އެ މަސައްކަތް 2033ގެ ނިޔަލަށް ނިމޭނެއެވެ.

ދުބާއީގައި ގާއިމުކުރާ ފެންހިންދާ ނިޒާމުން ދުވާލެއްގެ މައްޗަށް 20 މިލިއަން ކިއުބިކް މީޓަރުގެ ފެން ދުބާއީގެ ހުރިހާ ސަރަހައްދަކުން ހިންދާނެ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 16 ވަނަދުވަހު ދުބާއީއަށް ކުރި ކުއްލި ވިއްސާރައިގައި އެ ސިޓީ އެއްކޮށް ވަނީ ފެންބޮޑުވެ ހިދުމަތްތައް ހުއްޓި ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.