ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ގޯސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ވަން ސްޕޯޓްސް އަށް އެނގިފައިވާ ގޮތުގައި، އުމުރުން 38 އަހަރުގެ ބަކާގެ ހާލު ކުއްލިއަކަށް ގޯސްވީ މިދިޔަ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކޮށްފައި އައުމަށްފަހުއެވެ. އެގޮތުން ހައްޖުން އައި އިރުވެސް ރޯގާ ޖެހިފައި ހުރި ކަމަށާއި ނަމަވެސް ކުއްލިއަކަށް ހާލު ގޯސްވީ ގަދަ ހުމެއް އައިސްގެން ކަމަށްވެސް އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަކާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ބަކާއަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރެވެ. އައްޑޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ތެރެއިން ވިދާލި ބަކާގެ ފުޓުބޯޅަ ކެރިއަރު، 2004 ވަނަ އަހަރު ފަށާފައި ވަނީ އައިލެންޑް އެފްސީންނެވެ. އޭގެފަހުން ވީބީ އައްޑޫ އެފްސީން ނެރުނު ތަރިންގެ ޓީމުގައި ބަކާ ހިމެނުނުއިރު، އޭނާ ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓަރީގެ އިތުރުން އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފަ އެވެ.

ބަކާ ވަނީ 2015 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ކްލަބަކަށް ވެސް ކުޅެފަ އެވެ. މިޔަންމާ ލީގުގެ ކަންބައުޒާއަށް ބަކާ އެއަހަރު ކުޅެފައިވާއިރު، އޭނާއަކީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި ޖެހިގެން އައި 2011 ވަނަ އަހަރު ބަކާ ވަނީ ރާއްޖޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ގައުމީ ޓީމަށް 47 މެޗު ކުޅެދީފައިވާ ބަކާ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފަ އެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއިން ތަށި ހޯދި ޓީމުގައި ވެސް ބަކާ މުހިއްމު ރޯލެއް އަދާކުރި އިރު، އެންމެފަހުން 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނިފައިވެ އެވެ.