ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި ފައިސާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބޭނުންކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފިއެވެ.
ޕީއެންސީގެ ޖަހަގަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި އެ ފަންޑުގައި ހުރި ފައިސާ ރައީސް ސޯލިހުގެ ސަރުކާރުން އޮތީ ބޭނުންކޮށްފައި ކަމަށެވެ.
ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން، ކުރީގެ މިނިސްޓަރު އަމީރު އެކްސްގައި މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ނިމުނު އިރު އެސްޑީއެފް ގައި 141.1 ޑޮލަރު ހުންނާނެ ކަމަށެވެ. އެއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑޮލަރު އެކައުންޓުގައި ހުރި ދެ މިލިއަން ޑޮލަރާއި ފިކްސްޑް ޑިޕޮސިޓް (ކޮމާޝަލް ބޭންކް) އަދި ޑޮލަރު ޓީ-ބިލް އިންވެސްޓްމެންޓްގެ ގޮތުގައި ހުރި 139.1 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ.
"..، 2018 ވަނަ އަހަރު ނިމުނު އިރު އެސްޑީއެފްގެ ސައިޒަކީ 1.9 ބިލިއަން ރުފިޔާ. ނޮވެމްބަރު 2023 ނިމުނު އިރު ފަންޑް ސައިޒަކީ ގާތްގަނޑަކަށް 7.3 ބިލިއަން ރުފިޔާ. އެއީ ފަސް އަހަރު ތެރޭގައި 5.4 ބިލިއަން ރުފިޔާގެ އިތުރުވުމެއް،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، އެސްޑީއެފްއަށް ޑޮލަރުން ފައިސާ ޖަމާކުރަން ފެށީ މި ސަރުކާރުން ކަމަށް ބުނަނީވެސް އޮޅުވާލުމަށް ކަމަށެވެ.
"..، 2020 ވަނަ އަހަރު ޑޮލަރުން އެސްޑީއެފް އަށް ޖަމާކުރުން ހުއްޓާލެވުނު. އެއީ އެމްއެމްއޭ އާއެކު ހެދުނު އެޖެންސީ އެގްރިމެންޓެއްގެ ދަށުން. ނަމަވެސް އަނެއްކާވެސް 2023 ވަނަ އަހަރުގެ ކުރީ ކޮޅު ޑޮލަރުން އެސްޑީއެފް އަށް ފައިސާ ޖަމާކުރަން ފެށުނު،" އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" އިން ފެންނަ ގޮތުގައި އެސްޑީއެފް އަށް މި އަހަރުގެ މިހާތަނަށް ޖަމާކުރީ 519.7 މިލިއަން ރުފިޔާ ކަމަށާއި މިދިޔަ އަހަރު މި މުއްދަތުގައި 479.8 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ނަގާ ލޯނުތައް އަނބުރާ ދައްކަން ފައިސާ ރައްކާ ކުރަން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު(އެސްޑީއެފް) އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު