އުރީދޫ "ފަން ރަން" ގައި ބައިވެރި ވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

އުރީދޫން އިއްޔެ ބުނީ "ފަން ރަން"ގައި ބައިވެރި ވުމުގެ ފުރުސަތު މި މަހުގެ 10 ގައި ހަމަވި ނަމަވެސް ގިނަ ފަަރާތްތަކުގެ އެދުމުގެ މަތިން އެ ރަންގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ފަން ރަން ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. މިފަހަރުގެ ފަން ރަންއަކީ ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވެގެންދާނެއެވެ.

އުރީދޫން ބުނީ ފަން ރަން ލާމު އެޑިޝަންގައި http://ore.do/funrun2024 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށެވެ.

އުރީދޫ ފަން ރަންގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ފަން ރަންގައި މިފަހަރުވެސް މަޖާ، ތަފާތު ހަރަކާތްތަކެއް ހިމެނޭ އިރު، ފަސް ކިލޯ މީޓަރުގެ ކުރުދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫން ބުނެފައިވަނީ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގުކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ލާމު ފަން ރަންގެ ކިޓުތައް ލިބެން ހުރީ ދެ ކެޓަގަރީއަކަށެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސަތޭކަ ރުފިޔާއަށް ލިބޭ ސްޓޭންޑަޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑެކެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓުގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން އަކީ އުރީދޫން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެތައް ހަރަކާތެއްގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި "ފަން ރަން" ގައި 5000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.