ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އާއި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަކީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރުކޮށްގެން ކުރިއަށްގެންދަން ނިންމި ބައްދަލުވުމަކަށް ވިޔަސް ބަލިވެ އުޅުއްވާތީ އޭނާއަށް އެ ބައްދަލުވުމަށް ހާޒިރުވެވަޑައެއް ނުގެންނެވުނެވެ.
ނަމަވެސް ކޮމިޓީއަށް ބޭނުންވާ މައުލޫމާތުތައް މިނިސްޓަރު ވަނީ ފޮނުއްވައިފައެވެ. އަދި އެއީ ސިއްރު މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތުތަކާ ބެހޭގޮތުން ކުރިއަށްގެންދާ މަޝްވަރާތައް ސިއްރު ކޮށްދެއްވުމަށްއެދިވަޑައިގެން މިނިސްޓަރު ވަނީ ސިޓީއެއްވެސް ކޮމިޓީއަށް ފޮނުއްވައިފައެވެ. އެކަމާ ގުޅިގެން ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިޔައީ މީޑިއާ ނުވައްދައި ސިއްރު ކޮށްގެންނެވެ.
ނަމަވެސް މި ބައްދަލުވުން ސިއްރު ކުރުމުގެ ކުރިން، ރާއްޖޭގެ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތް ފުރިހަމަ ވާނީ އޮޑިޓާ ޖެނެރަލާއި އެމްއެމްއޭގެ ގަވަރުނަރު ކޮމިޓީއަށް ހާޒިރުކޮށްގެން ކަމަށް ވިދާޅުވެ، އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރެއްވުމަށް ހުށަހެޅުއްވިއެވެ. އެގޮތަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ މާލީ ހާލަތު ދެނެގަތުމާ ބެހޭގޮތުން ކޮމިޓީން ކުރިއަށް ގެންދާ މަސައްކަތް ފުރިހަމަ ކުރަން އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުން މުހިއްމު ކަމަށެވެ. އަދި ކޮމިޓީއަށް ގޮތެއް ނިންމޭނީ އެ ދެ ބޭފުޅުންގެ ބަސް އެހުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު