ރާއްޖޭގެ މާލީ ހާލަތު ރަނގަޅަށް ދެނެގަތުމަށްޓަކައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރުކޮށްގެން ބާއްވަން ނިންމި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
ކޮމިޓިގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު، ޖޭޕީގެ ލީޑަރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މާލީހާލަތާ ބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާކުރެއްވުމަށް، ކޮމިޓީއަށް ވަޑައިގެންނެވުމަށް ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރަށް ދެންނެވި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމަށް މިނިސްޓަރަށް ވަޑައިގެންނެވިފައިނުވާ ކަމަށެވެ.
ނަމަވެސް ކަމާބެހޭ މައުލޫމާތުތައް މިނިސްޓަރު ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކޮމިޓީގެ މެންބަރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ، ރާއްޖޭގެ މާލީ ކަންތައްތަކާ ބެހޭ މައުލޫމާތު ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތައް ސިއްރު ކުރެއްވުމަށް އެދިވަޑައިގެން މިނިސްޓަރު ކޮމިޓީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައުލޫމާތާ ބެހޭ މަޝްވަރާ ކޮމިޓީގައި ކުރިއަށް ގެންދެވޭނީ މީޑިއާތައް ނުހިމަނައި ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އަންނަ ބުދަ ދުވަހު މިނިސްޓަރު ކޮމިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާތީ އެދުވަހުގެ ބައްދަލުވުމުގެ މައުލޫމާތުތައް ސިއްރު ނުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ނާޒިމު ހުށަހަޅުއްވައިގެން ބާރަށު ދާއިރާގެ މެންބަރު ސުޖާ ތާއީދު ކުރައްވައިގެން، މީޑިއާ ނުވައްދައި ސިއްރު ބައްދަލުވުމެއްގެ ގޮތުގައި މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ކުރިއަށްގެންދަން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު