ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ވެރިކަން ގެއްލުނީ ކޮރަޕްޝަނާއި ވައްކަންތައް ނުހުއްޓުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީނަކީ އިހުލާސްތެރިންގެ އަގުވަޒަން ކުރައްވަން ދަންނަ ބޭފުޅެއް ނޫން ކަމަށާއި އިހުލާސްތެރިން ކޮށްދޭ މަސައްކަތް އަގުވަޒަން ކުރައްވަން ދެނެވަޑައިގަންނަވާ ވެރިއެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ، 2018ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގަތީ ޕާޓީގެ އިސް ލީޑަރުންގެ ބަސް އެ މަނިކުފާނު ގަބޫލު ނުކުރެއްވުމާއި ކޮރަޕްޝަން ނުހުއްޓިވިގެން ކަމަށެވެ.
"ކޮރަޕްޝަން ނުހުއްޓުވިގެންނޭ އަޅުގަނޑުމެންގެ (ރައީސް ޔާމީންގެ) ވެރިކަން ގެއްލުނީ، 2013 އިން 2018 އަށް ކުރި ވެރިކަން ގެއްލުނީ ކޮރަޕްޝަނަށް އާނއެކޭ ބުނީމާ،" އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ތަފްސީލު ރައީސް ޔާމީނަށް އެރުވުމުންވެސް އެމަނިކުފާނު ދެއްވީ ބީރު ކަންފަތެއް ކަމަށެވެ.
އަބުދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންއާ ހިލާފަށް ރައީސް ޑރ، މުހައްމަދު މުއިއްޒަކީ ކަންކަމާ މަޝްވަރާކުރައްވައި ލީޑަޝިޕްގެ ހިޔާލު ހޯއްދަވާ ބޭފުޅެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު