މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި ހުރީ އެމަހަކަށްވާ، 52.6 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއަށް ކިރާ މަހަށް ފައިސާ ނުދައްކާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސިލްސިލާކޮށް މަސްވެރިން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މިފްކޯއިން މިއަދު ބުނީ، މިއަދާ ހަމަޔަށް ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާ ކަމަށެވެ.

"އެއީ މިދިޔަ ނުވައެއް މެއި އިން ފެށިގެން މިއަދުގެ ނިޔަލަށް ދޭންޖެހޭ 52.6 މިލިއަން. މާނައަކީ 1 މަހާއި 14 ދުވަސް. މިއީ މިހާތަނަށް ކިރި މަހުގެ ޖުމްލަ ކަމުގައި ދަންނަވަން،" މިފްކޯއިން ބުނެފައިވެއެވެ.

މިފްކޯއިން ބުނީ ހުސްވި 2023 ވަނަ އަހަރު ނިމުނު އިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ހަލާސްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިފްކޯއަށް މަސް ގަންނަނީ ކިލޯއަކަށް އަށް ރުފިޔާގެ ގެއްލުމެއްގައި ކަމުން، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއެކީ މަސައްކަތް ކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.