ކިރުވި މަހަށް ފައިސާ ނުދީގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުންދާ މުޒާހަރާގައި، އެތަން އޮޕަރޭޝަނަށް ގެނެސް، އާންމު ހާލަތަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރަން ނިންމައިފިއެވެ.

މިފްކޯއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނިފަހަރުތަކުން ކުރަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައި ހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުންގެންދާ ކަމަށެވެ.

އެހެންކަމުން އެކަން ހައްލު ކުރުމަށް އެ ކުންފުންޏާއި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

"މިގޮތުން މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތްތާއި މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ، ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން ފާހަގަކުރަން،" މިފްކޯއިން ބުންޏެވެ.

ނޫސްބަޔާނުގައި ބުނެފައި ވަނީ، އެ މަސްވެރިންނަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާއެކީ މަސައްކަތްކުރަމުން ގެންދާ އިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން ކުރެވޭ އިހުތިޖާޖުތައް ބަލައިގަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.