ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކިރުވި މަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ، އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ސަރަހައްދަށް އެއްވެސް އިހުތިޖާޖު ކުރަމުންދާ މަސްވެރިން އެތަނުގެ މުވައްޒަފުން އެކޮމޮޑޭޝަން ބްލޮކުން ނެރުމުގެ ސަބަބުން ރޭ މުވައްޒަފުން ނިދަން ޖެހުނީ ބޭރުގައި ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ އެތަނުގެ ސްޓާފް ކެންޓީން ތަޅުލައި ބަންދު ކޮށްފައިހުއްޓައި، މުޒާހަރާގެ ބައިވެރިން އިއްޔެ އެތަނުގެ ކުޑަދޮރުންވަދެ ތަނުގެ ފުޑްސަޕްލައި ވެސް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެކޮމަޑޭޝަން ބްލޮކުން ކަރަންޓް ކަނޑައިލުމުގެ ސަބަބުން ރެއިން ރެށިގެން މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެންކަމަށްވެސް ބުނެފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ކަންތައް ހުރި ގޮތުން މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ނުފުދި ކެއިން ބުއިމާއި ފާހާނާ ކުރުންފަދަ ކަންތަކަށް ހުރަސްއެޅިފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

"ރޭގައި ފުލުހުން ރެކުއެސްޓް ކޮށްގެން ކަރަންޓް ދިނުމުން މަސްލަހަތު ގެއްލި ތަނާއި މުދަލަށާއި ތަނުގެ ސްޓާފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ހާލަތަށް ހިނގައިދާނެކަމަށް ކުންފުންޏަށް ގަބޫލު ކުރެވުމުން ފަހުން ޖެހުނީ ކަރަންޓް ކަނޑައިލަން،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ މަސްވެރިންގެ ޑީމާންޑަކީ ޕެންޑިން ޕޭމަންޓް ވީ އެންމެ އަވަހަކަށް ދޫކުރުން ކަމަށެވެ. އެކަމަށް ބާރު އެޅުމުގެ ގޮތުން އެތަނުގެ އެކޮމޮޑޭޝަން ބްލޮކާއި އެޑްމިން ބިލްޑިންގާއި ކެފެޓޭރިއާއިން ކަރަންޓް ކަނޑާލައިފައި ބެހެއްޓުމަކީ މަސްވެރިންގެ ޑިމާންޑެއް ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ މިދިޔަ އީދު ބަންދަށް މިފްކޯއިން ވަނީ 46 މިލިޔަން ރުފިޔާ މަސްވެރިންށް ދޫކޮށްފައި ކަމަށެވެ.

"އޭރު މީޑިޔާތަކަށް ދެންނެވިން ހުޅުވޭ ހަފުތާގައި ޕެންޑިން ޕޭމަންޓް ކުލިއާ ކުރުމާމެދު ހެދޭނެ ގޮތްތައް ބަލައި ސަރުކާރާއެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށް، އެގޮތުން އޮޑީވެރިންނަށް މިހާތަނަށް ނުދެކިއްވާ ފައިސާ ވީ އެންމެ އަވަހަކަށް ދޫކުރުމަށް މިދަނީ މަސައްކަތް ކުރަމުން،" މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ އެފަރާތުގެ އިލްތިމާސަކީ މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުތައް ވީހާވެސް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުން ކަމަށެވެ.

"ހާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ދެރައެއް، ހާއްސަކޮށް މުވައްޒަފުންގެ އިންސާނީ ކަރާމާތަށާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުން،" މިފްކޯއިން ބުންޏެވެ.

މުވައްޒަފުންގެ ހައްހުގައި ކުންފުނިން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.