ގދ. ފިޔޯރީން އިއްޔެ ގެއްލިގެން ހޯދަނިކޮށް ފެނުނު، މަރްޔަމް މީނާލް މުހައްމަދު 8އ، އިތުރު ޓެސްޓުތަކެއް ހެއްދުމަށް އެ އަތޮޅު ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މީނާލް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 7:00 ހާއިރު އެވެ. ނަމަވެސް އޭގެ ކުރިން އިއްޔެ ހަވީރު، ފިޔޮރީ ކައުންސިލުން ވަނީ މީނާލް ގެއްލިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައެވެ.

މީނާލް ހޯދުމަށް ފިޔޮރީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ، ރޭ 11:30 ހާއިރު، އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހޭނެތިފައި އޮއްވައެވެ. މީނާލް ފެނުނީ އެ ގޯތީގެ ފާރާއި ގޭގެ ބިތާއި ދެމެދުގައި އޮންނަ ހަނި ޖާގައެއްގެ ތެރޭގައި ބަންޑުން ބިންމަތީގައި އޮއްވައެވެ.

ފިޔޮރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ކުއްޖާ ފެނުނު ފަޅު ގޯއްޗަކީ ތަކުރާރުކޮށް އެތައް ފަހަރަކު ބެލި ތަނެއް ކަމަށާއި ނަމަވެސް އެއިރު އެ ކުއްޖާ ފެނިފައި ނުވާ ކަމަށެވެ. އަދި އެ ކުއްޖާ ފެނުނީ ދެ އަންހެނުންނަށް ކަމަށާއި ކުއްޖާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ފައިޒަރު ވިދާޅުވީ، ފިޔޮރީ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު، އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުން ތިނަދުއަށް ގެންދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

ފައިޒަރު އިތުރަށް ވިދާޅުވީ، މީނާލް ގެއިން ނުކުމެގެން ދިޔައީ، މަންމަ ދެކެ ރުޅިއައިސްގެން ކަމަށެވެ. އަދި މީނާލް ގެއިން ނުކުމެގެން ދިއުމުން އޭނާގެ ފަހަތުން މަންމަ ދިޔަ ކަމަށާއި ނަމަވެސް މަންމަގެ ލޯކުރިމަތިން މީނާލް ގެއްލުނީ ކަމަށެވެ.