އަންނަ މަހުން ފެށިގެން އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ އިންތިޒާމުތައް އެމްޕީއެލް އާއި ހިތަދޫ ރީޖަނަލް ޕޯޓުން ހަމަޖައްސައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖެނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެ، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.
އެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ރާއްޖޭއަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، މީގެ ކުރިން މި ހިދުމަތް ދެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، އެ ހިދުމަތް ދެވެނީ އަހަރުގެ ތެރޭގައި ވަކި ދުވަސްތަކެއްގައި ކަމަށެވެ. އެހެންކަމުން އައްޑޫއަށް ބޭނުންވާ އެ ފަދަ މުދާ ގެންނަން ޖެހެނީ މާލެއިން ކަމަށް ވިދާޅުވިއެވެ.
"1 ޖުލައި އިން ފެށިގެން މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސްތަކެއްގައި ވެސް މެދު ކެނޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެއެވެ،" ވަޖީހު ވިދާޅުވިއެވެ.
ވަޖީހު އިތުރަށް ވިދާޅުވީ، އާއްމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީގެ އެހެން ބާވަތްތަކާއި މޭވާގެ ބާވަތްތައް ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އިންޑިއާއިން ގެންދަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި ޖެނެރަލް ކާގޯގެ ބާވަތްތައްވެސް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވި ގޮތުގައި ދަތުރުތައް ރާވަމުން ދަނީ ކޮންމެ ދިހަ ދުވަހަކާއި 15 ދުވަހާ ދޭތެރޭ، ކާގޯ ބޯޓެއް އައްޑުއަށް ދާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު