ޓެކްނިކަލް މައްސަލަތަކެއް ޖެހި ބޮއިންގްގެ ސްޓާލައިނާ ދުނިޔެއަށް އައުން ލަސްކޮށްފިއެވެ.

ބޮއިންގްގެ ސްޓާލައިނާ ދުނިޔެއަށް އައުން ލަސްކޮށްފައިވާކަން އާންމުކޮށް ނާސާ އާއި ބޮއިންގް އިން ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވާގޮތުން މިމަހުގެ ފަސް ވަނަ ދުވަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ސްޓާލައިނާ ކުރި ދަތުރު ނިންމައި އެނބުރި އައުމަށް ދަތުރު ތައްޔާރު ކުރި ނަމަވެސް އެ އުޅަނދަށް ވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައެވެ. އެގޮތުން އުޅަނދުން ގިނަ އަދަދަކަށް ހީލިއަމް ލީކު ވާ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ސްޓާލައިނާ އެނބުރި ދުނިޔެ އައުމަށް އެކި ތާރީހު ކަނޑައަޅަމުން ގޮސް އެންމެ ފަހުން ވަނީ އަންނަ މަހަށް ފަސް ކޮށްފައެވެ. ނަމަވެސް އަންނަ މަހުގެ ކޮން ދުވަހެއް ކަމެއް އާންމުކޮށްފައެއް ނުވެއެވެ.

ނާސާ އާއި ބޮއިންގް އިން ވަނީ އުޅަނދަށް ދިމާވި މައްސަލަތައް ހައްލު ކުރުމަށް އިންޖިނިއަރުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.